ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓް ދޭން އެމްޑީޕީގެ މެންބަރުން ނިންމައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިޔަސް ހުންނަވަން ޖެހޭނީ މަޑުންކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގެ ހަވާސާގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ނަޝީދު ހުށަހަޅުއްވާފައިވާ ޤަރާރާ ބެހޭ ގޮތުން މިހާރުގެ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި ކަންކަން ނިންމުމުގެ ބާރު އޮތީ މެންބަރުންގެ އަތް މަތީގައި ކަމަށެވެ.
ކޮންގްރެސްއަކީ ޕާޓީގެ އެންމެ ބޮޑު އެއްވުންކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ކިތަންމެ ނުގަބޫލުވިޔަސް އެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކާ އެކީ ކުރިއަށްދާންޖެހޭނެ ކަމަށެވެ.
“މިސާލަކަށް އަޅުގަނޑު ކެންޑިޑޭޓަކަށް ވީމަ ރައީސް ނަޝީދު އެކަމާ ހިތްހަމަނުޖެހޭ ކަމަށްވަންޏާ މަޑުން ހުންނަވާނީ. އެކަމަކު ޕާޓީ ކުރިއަށްދާންވާނެ.“
ރައީސް ވިދާޅުވީ އެމްޑީޕީ މެންބަރުންގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރުމަކީ ރަނގަޅު ކަމެއްނޫން ކަމަށެވެ.