ސިއްހީ ނިޒާމަށް މިހާބޮޑަށް އަޅައިލި ސަރުކާރެއް އަދި ނެތްކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސިއްހީ ދާއިރާ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ.
އެ ގޮތުން ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއްދިން އެއްކަމަކީ ސިއްހީ ޚިދުމަތްތަކުގެ ނިޒާމު ޒަމާނީކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ގާތުން ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ސިއްހީ ސިޔާސަތު ބައްޓަން ކުރީ އެ ދާއިރާއަށް އުންމީދީ އިންގިލާބީ ބަދަލެއް ގެނައުމަށް ކަމަށް މިނިސްޓަރު ނަސީމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސިއްހީ ނިޒާމަށް މިހާ ބޮޑަށް އަޅައިލާ, ޒަމާންތަކަށް ދެމިގެންދާނެ އިންގިލާބީ ބަދަލެއް ގެނައި އެއްވެސް ސަރުކާރެއް އެ މަނިކުފާނުގެ ހަޔާތުގައި އަދި ދެކެވަޑައިނުގަންނަވާ ކަމަށެވެ.