ޒީރޯ ޓޮލަރެންސްގެ މާނަ މިހާރު އޮޅިފައިވާ ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ރޭ ބޭއްވި ’ހަވާލޭ ވަތަން‘ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނަމުން ކަމަށެވެ. ނަމަވެސް މުޅި ދައުލަތް މިހާރު ކޮރަޕްޝަނުގެ ހާއްޔަކަށް ވެފައިވާ ކަމުގެ ތުހުމަތު އެމަނިކުފާނު ކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ 2021 ވަނަ އަހަރު ސީޕީއައި އިންޑެކްސް ނުވަތަ ކޮރަޕްޝަން އިންޑެކްސްއަށް ބަލާއިރު، 187 ގައުމުގެ މައްޗަށް ހަދާފައި އޮތް އެ ދިރާސާގައި ރާއްޖެ އަދިވެސް ލައްވާލަނީ އެންމު ފުލުން ހަތަރު ވަނަ ޕަސަންޓައިލްގެ ތެރޭގައި ކަމަށެވެ. އެއީ އެންމެ ފުލުގައި އުޅޭ ސައްތައިން 40ގެ ތެރޭގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ހަމައެއާއެކު، ކޮރަޕްޝަނުގެ މިސާލެއްގެ ގޮތުން، 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮބްޒާވްކުރަން އައި ކޮމަންވެލްތްގެ އޮބްޒާވާ ގްރޫޕްގެ ރިޕޯޓު ބަލަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެ ރިޕޯޓުގައި ދައުލަތުގެ ވެރިން، ދައުލަތުގެ މުއައްސަސާތަކާއި މުދަލާއި އެކި ވަސީލަތްތައް ބޭނުންކޮށްގެން ބަރުލަމާނީ އިންތިޚާބަށް ބޭނުންވާ ހުރިހާ ކަމެއް ކުރިކަމަށް ލިޔެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލިސް ނުކުޅެދިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.