މި ސަރުކާރުން ކޮރަޕްޝަންގެ ހާއްޔަކަށް ރާއްޖެ ބަދަލުކޮށްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް ހަވާލުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ 187 ގައުމުގެ މައްޗަށް އެކުލަވާލާފައިވާ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އަދިވެސް ލައްވާލަނީ އެންމެ ފުލުން ކަމަށާއި އެ އިންޑެކްސް އަށް ބަލާލުމުން ފެންނަނީ ރާއްޖެ ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެފައިވާތަން ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ވަގުތުން ފެށީ ވަކި ބައެއްގެ ޖީބު ބޮޑުކުރުމުގެ މަސައްކަތް ކަމަށާއި އެގޮތުން ރައީސް އޮފީހުގައި އެކުލަވާލި ސެޓަލްމަންޓް އެގްރިމަންޓް ކޮމިޓީ މެދުވެރިކޮށް ގާތް އެކި ފަރާތްތަކަށް އެކި އަދަދުތަކުން ސަރުކާރުން ފައިސާ ދީފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ބޭނުންވާ ބަޔަކަށް ފައިސާ ދިނުމަށްފަހު އެ ކޮމިޓީ އުވާލި ކަމަށާއި މިއީ މިއަދު ކޮރަޕްޝަންގައި ރާއްޖެ އޮތް ހިސާބު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބާއި ދާދި ފަހުން ބޭއްވި މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ސަރުކާރުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކުރި ކަމަށާއި މި ސަރުކާރަށް ވަޒީފާއެއް ވެސް ނުއުފުއްދޭ ކަމަށް ވިދާޅުވެފަ އެވެ.
”އެހެން ނަމަވެސް ގޮނޑިއެއް ހުސްވެއްޖެނަމަ ފެނަކަ އާއި ސްޓެލްކޯ އިން ވަޒީފާތައް އެބަ އުފައްދާ. އިންޖީނުގެ ގެއަކީ އިންތިހާބާ ދިމާކޮށް 17 މުވައްޒަފުން 20 މުވައްޒަފުން އުފެއްދޭނެ ތަންތަނެއް ނޫން. މިއަށް ޖަވާބުދާރީވާން ޖެހޭނެ، މިއީ ރައްޔިތުންގެ ފައިސާ.“ ޔާމީން ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައި ހުރި މުއައްސަސާތައް ނުހިނގާ ކަމަށާއި އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ނުކުރާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
”މިހާ ހާލަތުގައި ރާއްޖެ މިއޮތީ. ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު، ޖުމްލަ ގޮތެއްގައި ހަމަ ދަންނަވަން ޖެހޭނީ ކޮރަޕްޝަންގެ ހާއްޔަކަށް ރާއްޖެ ބަދަލުވީމައޭ ދުނިޔޭގެ 187 ގައުމު ހިމެނޭ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އުޅެނީ ފުލުން.“ ޔާމީން ވިދާޅުވި އެވެ.