ދިވެހި ރައްޔިތުންނަށް އެމްޑީޕީ އިން ގެނެސްދިން އުފާވެރިކަން އެންމެ ހިނދުކޮޅަކު ވެސް ފަނޑުވިޔަ ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ޕާޓީއެއް ކަމަށެވެ. އެމްޑީޕީ އުފަންކުރީ އެތައް ބައެއްގެ ބުރަ މަސައްކަތްތަކާއި ގުރުބާނީތަކެއް ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކަށް އަބަދުވެސް ޖާގަ ދެވޭނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ އެޕާޓީ އަށް އޮތް ގޮތަކީ ހިޔާލު ތަފާތުވުންތަކާއެކު ވެސް ކުރިޔަށް ދިއުން ކަމަށެވެ.
ރައީސް ވިދާޅުވީ ޒަމާނާއި ވަގުތު ގެނެސްދޭ އޮޔާގެ ސަބަބުން އެމްޑީޕީ އިން ރޯކޮށްފައިވާ ދަންމަރު ނިވުނަ ދީގެން ނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަން އެހެން ވިޔަދިނުމަކީ އެމްޑީޕީގެ އެއްވެސް މެންބަރަކަށް އިހުތިޔާރު ލިބިގެންވާ ކަމެއް ނޫން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީ އުފައްދައިގެން އެންމެ ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ނިކުތީ ބަދަލަކަށް ކަމަށެވެ. އެކަމުގައި ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތްކުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އިންތިހާބު އެމްޑީޕީ އިން ކާމިޔާބުކުރީ އެއީ “ވަތަށް އެދޭ” ގޮތް ކަމަށް ވާތީ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއްވެސް ހިފެހެއްޓުމެއް ހުރަހެއް ސުމާރެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް، ހިތަށް އެރި ވާހަކައެއް ލިޔެ ބުނެ ފާޅު ކުރުމުގެ މިނިވަންކަން ރާއްޖޭގާ މިހާރު އެބަ އޮތެވެ.
”އެމްޑީޕީ އަށް 17 އަހަރު ވީއިރު އާދެވިފައި މިތިބީ ކިހާ ހިސާބަކަށް ތޯ؟ ކޮންތާކުތޯ؟ ކުރިން މިދެންނެވި ކަންކަން ހާސިލްވީ ކިހާވަރަކަށް ތޯ؟“ ރައީސް ސުވާލު ކުރެއްވި އެވެ.
އެމްޑީޕީ އުފެދުނު އަހަރު އުފަންވީ ކުދިން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާނެ ކަމަށާއި އެ ޖީލުގެ ކުދިންގެ ބޭނުންތަކާއި އުންމީދުތައް ވެސް މީގެ 17 އަހަރާ ވަރަށް ތަފާތު ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، ސިޔާސަތުތައް ކަނޑައަޅާއިރު، އާ ޖީލުގެ ވިސްނުމާއި ފިކުރާ އެއްގޮތްކޮށް، ގައުމިއްޔަތުގެ ހުރިހާ ބަހާއެއް އެ ޖީލަށް ވާރުތަވާނެ ގޮތް ހަދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަކޮށް، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކަލުން އެ ޖީލަށްޓަކައި ރާއްޖެ ސަލާމަތްކޮށްދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި 1100 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެ އެވެ. މިރޭ ހަމަ އޮންނަނީި ކޮންގްރެސް ފެށުމުގެ ޖަލްސާ އެވެ. މާދަމާ އޮންނާނީ މަޝްވަރާތަކާއި ބައްދަަލުވުންތަކާއި ބައެއް ޕްރެޒެންޓޭޝަންތަކެވެ. މުހިންމު ކަންކަމަށް ވޯޓަށް އެހުން އޮންނާނީ އަންނަ އާދީއްތަ ދުވަހެވެ.