އަންނަ ރިޔާސީ އިންތިހާބު އަންނައިރު، މިހާރު ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތައް އެކުގައި އޮންނާނެ ކަމަށް ދެކުމަކީ އަވާމެންދުރެއްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރަށް އަހަރަށް ދާއިރު މިހާރު އޮތް އިއްތިހާދު މިގޮތުގައި އޮންނާނެ ކަމަށް ދެކިއްޖެ ނަމަ، އެ ތިބެވެނީ އަވާމެންދުރެއްގައި ކަމަށެވެ.
”…މިއީ 2018 ވަނަ އަހަރެއް ނޫން، އެ ދުވަހު އަޅުގަނޑުމެން އިންތިހާބަށް ނުކުތްއިރު ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުން ތިބީ ހައްޔަރުކޮށްފައި، ހަމައެކަނި ހުންނެވީ ރައީސް ޔާމީން ގިނިކަންޏާ، މިއަަދު ތިޔަބޭފުޅުންގެ މަސައްކަތުން ރާއްޖޭގެ ވެރިކަން އަނެއްކާވެސް އަމާން ކުރެވިއްޖެ، ސިޔާސީ މަސައްކަތް ހިންގުމުގެ ފުރުސަތު ހޯއްދަވައިފި،“ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއާއެކު ސަރުކާރު ހިންގާ ކޯލިޝަނުގައި ތިބި ކޯލިޝަންގެ ހުރިހާ ލީޑަރުން ވެސް މިހާރު އެ ތިބީ މިނިވަންކޮށް ކަމަށާއި އެ ބޭފުޅުން އެ ގެންދަވަނީ ބުރަކޮށް 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.