މިއަދު މި އޮތީ ސްޓިކާއިން ހިންގާ ސަރުކާރަކަށް މުޅި ދައުލަތް ބަދަލުވެފައިކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް “ހަވާލޭ ވަޠަން“ ގެ ނަމުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
2018 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ރައީސް ޞާލިޙް ވަނީ ޒުވާނުން ޕާކްކުރާނެ ތަންތަން ނުދައްކައި ޖޫރިމަނާ ނުކުރާނެކަމަށް ވިދާޅުވެފައެވެ.
“އިންތިޚާބަށް ނުކުމެވަޑައިގަތްއިރު ޒުވާނުންނަށް ވަޢުދުވެވަޑައިގެންނެވި ރައީސް ޔާމިނުގެ ސަރުކާރުގަ މިކުރާ ކަމަކީ ސްޓިކާއިން ލާރި ހޯދައިގެން ސްޓިކާއިންނޭ ސަރުކާރު ހިންގަނީ. އެއީ ޕާކިންގ ސްޓިކާގެ ވާހަކަ. މިއަދު ހާލަތު އޮތީ ކިހިނެއްތޯ. ތިމަންނަމެން ސަރުކާރަށް އައިސް ޒުވާނުން ޕާކްކުރާނެ ތަންތަން ނުދައްކާ އެއް ގޮތަކަށް ވެސް އެ މީހުންގެ ސައިކަލުތަކުގަ އެ މީހުން ދުއްވާ އެއްޗެހީގަ ސްޓިކާއެއް ނުޖަހާނަމޭ. އެކަމު މިއަދު މި އޮތީ ސްޓިކަރުން ހިންގާ ސަރުކާރަކަށް މުޅި ދައުލަތް ބަދަލުވެފަ.“ ރައީސް ޞާލިޙަށް ފާޑުވިދާޅުވެ ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ ޒުވާނުންނަކީ މި ޤައުމުގެ އިންޖީނު ކަމަށެވެ. ނަމަވެސް ހަތަރު އަހަރު ވޭތުވިއިރު އަދި އުފެއްދުނީ އެންމެ 4000 ވަޒީފާކަމަށް ވެސް ވިދާޅުވިއެވެ.
ޒުވާނުން އެދެނީ ބޯހިޔާވަހިކަން ކަމަށް ވިދާޅުވެ ރައީސް ޔާމިން ވަނީ އޭރު ދެއްކެވި 40,000 ފްލެޓުގެ ވާހަކަ ކޮބައިތޯ ވެސް ސުވާލުކުރައްވައިފައެވެ.