ޢިލްމީ ބަހުސާއި, ފަލްސާފާއާއި, ޚިޔާލަށް މި ޕާޓީން ފުރިހަމައަށް ޖާގަދޭން ޖެހޭނެކަމަށާއި, އެ ކަންކަން ހުއްޓުވުމަށް ޕާޓީގެ ގުނަވަނެއް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ނުވާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެެއެވެ.
އެމްޑީޕީގެ ހަރުގޭގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބަހުސް ހިނގާންޖެހޭނެ ކަމަށާއި, ޢިލްމީ ބަހުސަށް, އަދި ފަލްސާފާއަށް, އަދި ޚިޔާލަށް މި ޕާޓީ ފުރިހަމައަށް ޖާގަދޭން ޖެހޭނެ ކަމަށެވެ. އަދި އެ ފަލްސަފާއާއި އެ ޚިޔާލު ފިއްތުމަށްޓަކައި ޕާޓީގެ އެއްވެސް ގުނަވަނެއް ނާޖާއިޒު ކޮށްގެންނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
“އެ ފަލްސަފާއާއި އެ ޚިޔާލު ފިއްތުމަށްޓަކައި ޕާޓީގެ އެއްވެސް ގުނަވަނެއް ނާޖާއިޒު ކޮށްގެންނުވާނެ.“
“މިއަދު އެބަ ފެނޭ ބަރުލަމާނީ ބަހުސް ފިއްތުމަށްޓަކައި އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ރޫޙުން އަޅުގަނޑުމެން ދުރުވާތަން. ގޮފީގެ ރައީސުން ކަނޑައެޅުމުގައި ޕާޓީގެ ގަވާއިދު ބުނާ ގޮތާ ދުރަށް ޖެހިގެން ނުވާނެ. ކޮންގްރެސް އެކުލެވިގެންވާ ގޮތާއި ކޮންގްރެސްގައި ބައިވެރިވާންޖެހޭ މީހުންނަކީ މި ދެންނެވި ބަހުސަށް ޢިލްމީ ބަހުސަށް ގޮތެއް ނިންމަން ކޮންމެހެން ވެސް ސައްހަކަމާ އެކީގާ ކުރަންޖެހޭނެ ކަމެއް.“ ބަރުލަމާނީ ނިޒާމު ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ވަގު ގޮފިތަކެއް ހަދާފައިވާކަމަށް ޕާޓީގެތެރޭގައި ތުހުމަތު އުފެދިފައިވަނިކޮށެވެ.
އެ ތުހުމަތު ކުރައްވައި ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް މިއަދު ސިޓީއެއް ވެސް ފޮނުއްވައިފައެވެ. އާޒިމް ވިދާޅުވި ގޮތުގައި ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ޤަވާއިދާއި އެއް ގޮތަށް އިންތިޚާބު ކުރެވިފައިވާ ފަރާތްތަކެއް ނޫނެވެ. އަދި އެ ފަރާތްތައް ކުރިއަށް މި އޮތް ކޮންގްރެސްގައި ބައިވެރިވެއްޖެނަމަ ކޮންގްރެސްގެ ޤާާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.