ރާއްޖެއިން ބޭރުގެ ތިން ޤައުމަކަށް ކަނޑައަޅާ ސަފީރުން, އެ މަޤާމުތަކަށް އައްޔަންކުރަން ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުން ނިންމާފައިވަނީ އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމަށް, ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު އަދާކުރައްވާފައިވާ ހ.ޖެހޭވައި އިބްރާހިމް ޝަހީބު އައްޔަންކުރުމަށެވެ.
އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަން ކުރައްވާފައިވާ ހ.މާލޭތިލަ ޢަލީ ޙުސައިންދީދީ މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރުމަށެވެ.
އޭގެ އިތުރުން މި ވަގުތު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަޤާމު ފުރުއްވަމުން ގެންދަވާ މއ.އަތަމާވިލާ ޢަބްދުލްޣަފޫރު މުޙައްމަދު އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރުމަށެވެ.
މި ތިން ބޭފުޅުން އައްޔަންކުރުމަށް މިއަދުގެ ޖަލްސާގައި ފާސްވެފައިވަނީ, އެ ވަގުތު ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 46 މެންބަރުންގެ ވޯޓާއެކުއެވެ.