ހުޅުމާލެ ހިޔާ ފްލެޓުގައި ރޭ އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން 8 ދުވަސް ޖަހައިފިއެވެ.
ހިޔާ ފްލެޓުގައި އެއްޖިންސުން ގުޅުން ހިންގަން އުޅުނު ދެމީހަކު ފުލުހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ރޭ ހިޔާ ފްލެޓް 7ގެ 10 ވަނަ ފަންގިފިލާގައި ބިދޭސީ ދެ ފިރިހެނަކު ގައިގޯޅިވެ ގުޅުން ހިންގަން އުޅެނިކޮށް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެތަން ލައިވްކޮށްފައެވެ. އަދި ފުލުހުންނަށް އެފަރާތުން ރިޕޯޓްކުރިއެވެ. މިއާއެކު ފުލުހުން ގޮސް އެ އެޕާޓްމަންޓްގައި ހަރަކާތްތެރިވި މަންޒަރު ފެނިގެން ދިޔައެވެ. ބެލެވޭ ގޮތުގައި އެއްޖިންސުން ގުޅުން ހިންގުމަށް އުޅުނީ އެ އެޕާޓުމަންޓުގެ މަސައްކަތް ކުރަން އުޅުނު ދެ ބިދޭސީންނެވެ.
ފުލުހުން ބުނީ ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވާކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން އެތަނަށް ދިޔަކަމަށެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ ބިދޭސީ ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ދަނީ ތަހުގީގްކުރަމުންކަމަށް ފުލުހުން ބުންޏެވެ.