އެމްޑީޕީގެ ކޮންގްރެސް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ވަނީ, ކޮންގްރެސްއަށް ވަގު ގޮފިތަކެއް ހަދާފައިވާކަމަށް ތުހުމަތުކުރައްވައި, ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދިވަޑައިގެން ފައްޔާޟަށް ސިޓީއެއް ފޮނުއްވައިފައެވެ.
މާަދަމާ ކޮންގްރެސް ފެށޭއިރު ރަށްރަށުގައި ތިބި މަންދޫބުން މިއަދު ވަނީ މާލެ އައިސްފައެވެ. އެ މަންދޫބުންނަށް މަރުހަބާ ކިޔުމަށް ފައްޔާޟް ވަޑައިގަތެވެ.
އެއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޟް ކޮންގްރެސް ފަސްކުރުމުގެ ބާރެއް ޗެއާޕާސަނަކަށް ނޯންނާނެ ކަމަށާއި, އެއީ އެމްޑީޕީގެ ޤައުމީ މަޖިލީހަށް އޮންނަ ބާރެއް ކަމަށެވެ.
ފައްޔާޟް ވަނީ ކޮންގްރެސް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ.
ފައްޔާޟް ވިދާޅުވީ މީގެ ކުރިން ބޭއްވި އެހެން ކޮންގްރެސްތަކާ އަޅާބަލާއިރު މި ފަހަރުގެ ކޮންގްރެސް މި ގެންދަނީ ދެ ފުށް ފެންނަ ގޮތަށް ގަވާއިދާއި އެއްގޮތަށް ކަމަށެވެ.