މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ވަގު ގޮފިތަކެއް ހަދާފައިވާކަމަށް ތުހުމަތުކުރައްވައި, އެ ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށަހަޅުއްވައިފިއެވެ.
ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދި އާޒިމް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް މިއަދު ފޮނުއްވި ސިޓީ ވަނީ ޢާންމުކުރައްވައިފައެވެ.
ސިޓީގައި އާޒިމް ވިދާޅުވީ އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ފަދައިން ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސް ކަމަށެވެ. އަދި ކޮންގްރެސްގެ ކޮމްޕޮސިޝަން އެކުލަވާލެވިފައިވާ ގޮތަށް ރިޢާޔަތްކުރާއިރު, ގޮފިތަކުގެ ރައީސުންނަށް ކޮންގްރެސްގައި ވޯޓިންގ ޑެލިގޭޓުންގެ ގޮތުގައި ތަމްސީލުކުރުމުގެ ފުރުސަތު ދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވައިލަން ޖެހެނީ ގޮފި ގަވާއިދުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިޚާބެއް ބޭއްވުމަށްފަހު ކަމަށެވެ. އަދި ކޮންގްރެސްގައި ގޮފި ތަމްސީލުކުރާ ގޮފީގެ ރައީސް ނުވަތަ ނައިބު ރައީސް ވާންޖެހޭނީ އިންތިޚާބު ކުރެވިފައިވާ ފަރާތެއްކަން ސާފުކޮށް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ޤަވާއިދާއި އެއް ގޮތަށް އިންތިޚާބު ކުރެވިފައިވާ ފަރާތްތަކެއް ނޫން ކަމަށް ކަމަށެވެ. އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލުކުރާ ފަރާާތްތަކުގެ މަޢުލޫމާތު މި ވަގުތާއި ހަމައަށް ވެސް ހިއްސާކޮށްފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
“…އެ ފަރާތްތައް ކުރިއަށް މި އޮތް ކޮންގްރެސްގައި ބައިވެރިވެއްޖެނަމަ ކޮންގްރެސްގެ ޤާާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ ކަމެއް ކަމަށް ދެކެމެވެ.“ އާޒިމް ވިދާޅުވިއެވެ.
އެ ކަން ފާހަގަކުރައްވައި އާޒިމް ވަނީ މަންދޫބުންގެ ޤާނޫނީ ހައިސިއްޔަތާމެދު އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުން ކަމްބޮޑުވުން ފާޅުކުރަމުންދާތީ ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެ ޤާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އެދިވަޑައިގެންފައެވެ.
އޭގެ އިތުރުން ކޮންގްރެސްއަށް ގޮފިތަކުން ހުށަހެޅިފައިވާ މަންދޫބުން އިންތިޚާބު ކުރި ގޮތާއި އެ މަންދޫބުންގެ ތަފްސީލު ހިމެނޭ ލިސްޓެއް ހިއްސާކޮށް ދެއްވުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.