ނ. އަތޮޅު ކެނދިކުޅުދޫގައި ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް ހުޅުވައި ހިދުމަތްދޭން ފަށައިފި އެވެ.
އެކަމަށްޓަކައި ކެނދިކުޅުދޫގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އަދި ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ސްޓޭޝަނުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގަވައި ދެއްވާފައި ވެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަގައި ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން، ކޮންމެ ރަށެއްގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަނަކީވެސް ރާއްޖޭގެ އަމާންކަން ކަށަވަރުކުރުމަށް ގަތާލާ ޗޭނުގެ ބޮޅެއްކަކަމަށެވެ. ރާއްޖޭގެ އަމާންކަމާ ސުލްހަވެރިކަން ކަށަވަރުކުރުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުން ގާއިމުވުމުން މެނުވީ އެ ޗެއިން ނުވަތަ ބޮޅު އެއްކޮށް ފުރިހަމަ ވެގެން ނުދާނެކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ، ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުންކަމަށާއި، ރަށަކީ ބޮޑު އާބާދީއެއް އޮތް ރަށަކަށްވުމާ ގުޅިގެން މަދުން ނަމަވެސް ރަށުގައި ހިންގާ ކުށްތަކާއި ރަށަށް ތައާރަފުވުމަށް އޮތް ކުށްތަކުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކެނދިކުޅުދޫގައި ފުލުހުން ގާއިމުވެ ތިބުމަކީ މުހިންމު ކަމެއްކަމަށެވެ.
އޭގެ އިތުރުން، ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާންތަނަކަށް ހެދުމަށް މަސައްކަތްކޮށްދިނުމާއި އަދި ރަށުގައި ފުލުހުން ތިބި ކަމުގެ އިހުސާސް ކޮންމެ ދުވަހަކުމެ ރައްޔިތުން ކުރާނެ ފަދަ ގޮތަކަށް މަސައްކަތް ކޮށްދިނުމަށް ނ. އަތޮޅުގެ އެންމެހައި ފުލުހުންނަށް ސީޕީ ހަމީދު އިލްތިމާސް ކުރެއްވި އެވެ. އަދި ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި ފުލުހުންނާއެކު އަތުގުޅާލައިގެން މަސައްކަތް ކޮށްދިނުމަށް ކެނދިކުޅުދޫގެ ރައްޔިތުންގެ ކިބައިން ވެސް އެދިލެއްވި އެވެ.
ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު އިމްރާން ސީޕީ ހަމީދު ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ބައްލަވައިލެއްވި އެވެ.
އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރު އަދި ނ. އަތޮޅު ކޮމާންޑަރާއި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ އިސްވެރިންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.