ސްޓެލްކޯ އިންޖީނުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، ސްޓެލްކޯ އިންޖީނުގެއެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:15 އެހާކަންހާއިރުކަމަށްވެސް އެމްއެންޑީއެފް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
އަދި ރޯވި އަލިފާން 12:26 އެހާކަންހާއިރު ވަނީ ނިއްވާލާފައި ކަމަވެސް ބުންޏެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއްވެސް އެމްއެންޑީއެފް އަދި ސްޓެލްކޯއިންވެސް ހާމަކޮށްފައިނުވެއެވެ.