މާލެ ސަރަހައްދު ގުޅާލާ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ހިނގި ހާދިސާގައި ފަރަށް ގެއްލުންވަމުންދާ ކަމަށާއި އެ ޕްލެޓްފޯމް ނުނެގި ލަސްވާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރަށްވާއިރު ބްރިޖް ޕްލެޓްފޯމު ފަރަށް އަރާ ރާޅާއެކު ފަރު މައްޗަށް ޖެހިޖެހި އެކަން ހައްލުނުކުރެވުމަކީ ވަރަށް ހިތާމަކުރާ ކަމެއްކަމަށެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ ބްރިޖް މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އާއި ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު ހިންގުމުގައި ބަލަންޖެހޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަކަމަށެވެ. އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ބުނެ އެ މައްސަލަ ރަނގަޅަށް ބަލައި، ތަހުގީގުކޮށްދިނުމަށް އީޕީއޭ އާއި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ވެސް ކައުންސިލުން ވަނީ ގޮވާލާފައެވެ.
މިކަމާއި ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނީ ވިލިމާލޭ ފަރު މައްޗަށް އަރާފައިވާ އެ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.