ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި، ސާފު ސާދާ ގޮތުގައި ވާދަކުރައްވާން ތައްޔާރަށް ހުންނެވިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ ބަރުލަމާނީ ގެނައުމުގެ މަސައްކަތުގެ ތެރެއިން އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ޕާޓީގެ މެންބަރަކު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ސުވާލު ދެންނެވި ފަރާތުން ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް މަންދޫބުން ހޮވުމުގައި ޕާޓީގެ ގޮފިތައް މަސްހުނި ކުރައްވަމުން ގެންދަވާކަމަށް ތުހުމަތުކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ގޮތުން ނަޝީދު ވަނީ ވަކިކަމެއް ހާސިލްކުރާން ގޮފިތައް މަސްހުނިކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އިލްތިމާސެއް ވެސް ކުރައްވައިފައެވެ.
ނަޝީދު ވިދާޅުވީ ވާދަކުރުމުގައި ހަމަހަމަކަން އޮންނަންވާނެ ކަމަށާއި، އެ މަނިކުފާނަކީ ވެސް ކަންކަން އޮޅުވައިލައްވާ ބޭފުޅެއް ނޫން ކަމަށެވެ.
”އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިލްތިމާސް ދަންނަވަން ފެއާޕްލޭ އޮންނަންޖެހޭނެ. ހަމަހަމަކަން މަތީގާ އަޅުގަނޑާ ވާދަކުރައްވައިގެން.. ނުވާނެ އެއްކޮޅުން އޮޅުވާލައިގެން. އަޅުގަނޑަކީ ކަންކަން އޮޅުވާލާ މީހެއް ނޫން. ސާފު ސާދާކޮށް އަޅުގަނޑާ ހުރިހާ ބޭފުޅުން ވެސް ވާދަކުރައްވަންޖެހޭނީ.“
”އަދި އަޅުގަނޑަކީ ރުޅިވެރިކަމަކާ ނުލާ ހަސަދައަކާ ނުލާ ހަމަ ސާދާ ގޮތުގާ ވާދަކުރަން ވަރަށް ތައްޔާރަށް ހުރި މީހެއް. އަދި އަޅުގަނޑު ބަލިވީމާ ވަރަށް ރަނގަޅަށް ބަލި ގަބޫލުކޮށް ދާ ވެސް މީހެއް. އަދި ހަމައެއާއެކީގާ އެމްޑީޕީކަމުން ދެން އެހެން ނާޖާއިޒުކޮށް ނުވަތަ ސައްހަ ނޫން ގޮތްގޮތަށް ކަންކަން ކުރެއްވި ނަމަވެސް އަޅުގަނޑެއް ޒުވާބެއް ނުކުރާނަން. ނުކުރާނަން.“
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި، އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ގޮވާލައްވައި އެމްޑީޕީ ކޮންގްރެސްއަށް ޤަރާރެއް ނަޝީދު ވަނީ ޤަރާރެއް ހުށަހަޅުއްވައިފައެވެ.
ބަލިވީމަ ބަލި ގަބޫލުކުރައްވާކަމަށް ނަޝީދުގެ ވާހަކައިގައި އެ ޢިޝާރަތްކުރައްވަނީ ޤަރާރު އަނބުރާ ގެންދެވުމަށް ރައީސް ގޮވައިލެއްވި ގޮވައިލެއްވުމަށް ޢިޝާރަތް ކުރައްވައިކަމަށް ބެލެވެއެވެ. ޤަރާރު އަނބުރާ ނުގެންދަވައި, ސާދާާ ގޮތުގައި ވާދަކުރައްވަން ވަރަށް ތައްޔާރަށް ހުންނެވި ކަމަށް އެ ވިދާޅުވަނީ އެހެންވެގެންކަމަށް ބެލެވެއެވެ.
”އަޅުގަނޑު ދަންނަވާނީ ނުރަނގަޅު ކުށް ކުރި މީހުންގެ ގޯސްކަމޭ އެއީ. ދެން ތެދުފުޅެއް ނަތީޖާ އެހެން ގޮތަކަށް އެބަފެނޭ. އެހެން ނަމަވެސް އެ ނަތީޖާއެއް ނުފެންނާނެ. ޙަޤީޤީ ނަތީޖާއަކީ ރައްޔިތުން ކުރިމައްޗަށް އަޅުގަނޑުމެން ނުކުތީމަ ދެން އެ ރައްޔިތުން ނިންމާ ނިންމުން.“ ނަޝީދު ވިދާޅުވިއެވެ.
ބޮއިގެންހުރެ ތިކިޔާ އެއްޗެއް މީހަކަށް ފަހުމެއްނުވޭ.