ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމު ކަނޑައަޅަން ޖެހޭނީ ރައްޔިތުން ކަމަށާއި, އެ މަގަށް މިއަދު މަސައްކަތް ނުކޮށްފިނަމަ އެއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭވަފާތެރިކަމެއްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒްގެ ތާއީދާއެކު ރައީސް ނަޝީދު ވަނީ, ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި, އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ގޮވާލައްވައި އެމްޑީޕީ ކޮންގްރެސްއަށް ޤަރާރެއް ހުށަހަޅުއްވައިފައެވެ.
ނަޝީދު ވަނީ ކޮންގްރެސްއިން އެ ހުށަހެޅުން ފާސްވާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށާއި ރައްޔިތުން ވެސް ބަރުލަމާނީ ގެންނަން ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ޤަރާރު އަނބުރާ ގެންދެވުމަށާއި އެ ހުށަހެޅުން ފާސްނުވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ކަމުދަނީ ރިޔާސީ ނިޒާމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޞާލިޙްގެ ކެބިނެޓުގެ ހަތަރު ވަޒީރުން ވެސް ވަނީ ރިޔާސީ ނިޒާމަށް ތާއީދުކުރައްވައި ވާހަކަަ ދައްކަވައިފައެވެ.
އެ ކަންކަމަށް ރައްދު ދެއްވައި ނަޝީދު މިރޭ ވިދާޅުވީ ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންނަށް ރަނގަޅީ ވަކި މިވެނި ނިޒާމެކޭ އެއްވެސް ބޭފުޅަކަށް ވިދާޅުނުވެވޭނެ ކަމަށެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިއަދު މި މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ނުކޮށްފިނަމަ އަޅުގަނޑު ދެކޭގޮތުގަ އަޅުގަނޑުމެނަށް ރައްޔިތުންނަށް ވެވޭ ވަަރަށް ބޮޑު ބޭވަފާތެރިކަމެއް. ރާއްޖޭގެ ރައްޔިތުން ގާތުގާ އަޅުގަނޑުމެން މީ ކޮންބައެއްތޯ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމެކޭ ނުވަތަ ބަރުލަމާނީ ނިޒާމެކޭ ނުވަތަ އެހެން ވެސް ބާވަތެއްގެ ނިޒާމެކޭ ބުނެ ބަޔާންކުރަން. ރާއްޖޭގެ ރައްޔިތުން ގާތުގާ އެހުމަށް ފުރުސަތު ލިބުމަށް އަޅުގަނޑުމެން މި އެދެނީ. އިތުރު މާ ބޮޑު ކަމަކަށެއް ނޫން. ރައްޔިތުން ނިންމާނީ ނިޒާމަށް ގެންނަންޖެހޭ ބަދަލު. އެ ނިންމާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށްދާން ޖެހޭނީ.“ އެމްޑީޕީ ހަރުގޭގައި ނަޝީދު މިރޭ ވިދާޅުވިއެވެ.
ބަރުލަމާނީ ގެނައުމަށް ނަޝީދު ކެނޑިނޭޅި މަސައްކަތް ކުރައްވާއިރު އެމްޑީޕީގެ ގިނަ މެންބަރުން ވެސް އެ މަނިކުފާނާ ދެކޮޅެވެ.
ބަލަ އަހަރެމެން ނޫނޭ މި ކިޔަނީ ވަކި ނިޒާމެއް ރަނގަޅު ވާހަކައާއި ރަނގަޅު ނޫންވާހަކަ. ކަލޭ ނޫންތަ ތިޔަ ކިޔަނީ ބަރުލަމާނީ މާރަނގަޅު ވާނެއޭ. އެއިީ މީނައަށް ވެރިކަމަށް އައުމަށް އޮތް އެންމެ ކުރު މަގު ކަމަށް ވާތީ ވެރިކަމަށް ދަހިވެތި ވެފައި ހުރި ވަރުން ކިޔާ އެއްޗެއްކަން އެންމެނަށްވެސް އެނގޭ.