ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގައި ހެއްދެވި އެންމެ ބޮޑު ގޯހަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ތިބި ކޮރަޕްޓް މީހުން އެމްޑީޕީގެ އިސް ސަފަށް ގެންނެވުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ވިދާޅުވީ މިއަދު ފެންނަމުން އެދަނީ އެކަމުގެ ހިތިކަން ކަމަށެވެ. އަދި އެ މީހުންގެ އަމަލާއި ސުލޫކާއި ކޮރަޕްޝަނަކަށް ބަދަލެއް ނާންނަކަމަށް ވިދާޅުވިއެވެ.
”ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގައި ހެއްދެވި އެންމެ ބޮޑު ގޯހަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރު, އެ ބައެއްގެ ސަބަބުން ކޮރަޕްޓްވެދިޔަ ފަރާތްތައް 2008 ގެ ފަހުން ބަލައިގަނެ އެމްޑީޕީގެ ކުރީ ސަފަށް ގެނައުން.“
ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ހުށަހެޅުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ވަނީ ޤަރާރެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެމްޑީޕީގެ އިސް ސަފުގައި ތިބި ގިނަ ބޭފުޅުން މިއަދު ވަނީ ނަޝީދާ ދެކޮޅު ހައްދަވައިފައެވެ.