މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުނާއި ވަސީލަތްތައް ބޭނުންކޮށްގެން ޤަވައިދާއި ޚިލާފަށް ވަކި ބަޔަކަށް މަންފާވާ ގޮތަށް އެއްވެސް ޚިދުމަތެއް ނުދޭނެކަމުގެ ޔަޤީންކަން އެ ކައުންސިލުން ދީފިއެވެ.
މާލޭ ސިޓީ ކައުންސިލުން އެހެން ބުނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ”ހަވާލޭ ވަޠަން“ ޖަލްސާ ބާއްވަން ނިންމާފައިވާއިރު، އެ ތަނުގައި އެ ކައުންސިލުން ގާ އަތުރަމުންދާތީ ދެކެވޭ ވާހަކައާ ގުޅިގެންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ ސިޓީގައި މިނީބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން މަޖީދީ މަގުގައި ޕާކް ކުރުން މާނާކޮށްފައިވާ ކަމަށެވެ. އެ ގޮތުން ސަރުކާރުގެ އެދުމުގެ މަތިން ހ.މުނިއުފާ ކުރިމަތީ އޮންނަ ޕާކިންގް ޒޯން، ކާނިވަލަށް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން އެތަނުގައި ގައު އެތުރުން އެއީ އެތަން ހުސްކޮށްގެން ވާން އޮތް ކަމެއް ކަމަށްވުމާއެކު، ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ހުސްކުރި ވަގުތުގައި އެތަނުގައި ގައު އެތުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
”އެ މަސައްކަތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އެދުމުގެ މަތިން ކުރަމުން އަންނަ ކަމެއް ނޫންކަން ފާހަގަ ކޮށްލަމެވެ. އެ ސަރަހައްދުގައި ސިޓީ ކައުންސިލުން ހަމަ އެކަނި ގާ އެތުރުން ފިޔަވައި ސިޓީ ކައުންސިލްގެ އެއްވެސް ވެހިކަލެއް ބޭނުން ކޮށްގެން އެހެންކަމެއް ވެސް ކޮށްފައެއް ނުވާނެކަން މަޢުލުމާތައްޓަކައި ދަންނަވާލަމެވެ.“ ސިޓީ ކައުންސިލުން ބުންޏެވެ.
އެހެންކަމުން މުވައްޒަފުނާއި ވަސީލަތްތައް ބޭނުންކޮށްގެން ޤަވައިދާއި ޚިލާފަށް ވަކި ބަޔަކަށް މަންފާވާ ގޮތަށް އެއްވެސް ޚިދުމަތެއް ނުދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.