ސިޔާސީ ހަމަޖެހުން ގެނެވޭނީ ރިޔާސީ ނިޒާމުންކަމަށް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމާއިރު ތަރައްޤީއާއި އިގުތިސާދީ މިސްރާބާއި ހަމަޖެހުމަށް ރިޢާޔަތްކުރުން މުހިންމު ކަމަށެވެ. އަދި މި ހާލަތުގައި ރާއްޖެފަދަ ތަރައްްޤީވަމުން އަންނަ ޤައުމަކަށް ސިޔާސީ ހަމަޖެހުމާއި ރައްޔިތުން އެދޭ ތަރައްޤީ ގެނެވޭނީ ހަމައެކަނި ރިޔާސީ ނިޒާމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހިސާން މިހެން ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސް މުޙައްމަދު ނަޝީދު މަސައްކަތް ފަށްޓަވާފައިވާއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކަމާ ދެކޮޅަށް ވާހަކަދައްކަވާފައިވަނިކޮށެވެ. އަދި ބައެއް ވަޒީރުންނާއި ބައެއް މެންބަރުން ބަރުލަމާނީއާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ވަގުތެއްގައެވެ.