ރާއްޖެއަށް އަދިވެސް ރަނގަޅުވާނީ ގިނަ ޕާޓީ އެކުލެވޭ ސަރުކާރެއްކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ކުރިން ވެސް ހާމަކޮށްފައިވާނެ ކަމަށާއި, ކޯލިޝަނަކާ ހިސާބަށް ދެވޭނީ ޕާޓީތެރެއިން އެ މަނިކުފާނަށް ކެންޑިޑެންސީ ކަށަވަރުވުމުން ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ތަރައްޤީވަމުން އަންނަ އަދި އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރި ޤައުމަކަށްވާއިރު ގިނަ ފަރާތްތަކެއްގެ ޚިޔާލު އެކުވެގެން ނުކުތީމަ މާ ރަނގަޅުވާނެ ކަމަށެވެ.
”އަދިވެސް ރާއްޖެއަށް ރަނގަޅުވާނީ ކޯލިޝަނެއްގެ ގޮތުގައި އެކުވެގެން އުފެދޭ ސަރުކާރެއް.“
ރައީސް ވިދާޅުވީ އެ މަނިކުފާނާއެކީ މަސައްކަތް ކުރެވޭނީ ކޮން ޕާޓީތަކަކަށްތޯ ބަލައި, އެކަމާ މަޝްވަރާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
”އަޅުގަނޑު ވާހަކަ ދައްކަމުން ގެންދާނަން އަޅުގަނޑާ އެކީ މަސައްކަތް ކުރެވޭނީ ކޮން ޕާޓީތަކަކާ އެކުގައިތޯ. ކޮން ބަޔަކާ އެކީގަތޯ ކުރިއަށްދެވޭނީ މިކަން ކުރެވޭނީ. ބަލާފަ އެއާއެކީގަ އަޅުގަނޑު ކުރިއަށްދާނަން.“
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި, އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ގޮވާލައްވައި, އެމްޑީޕީ ކޮންގްރެސްއަށް ހުށަހެޅުއްވި ޤަރާރުގައި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ, ވެރިކަމުގެ ނިޒާމާއި އިންތިޚާބީ އުސޫލުތައް ރޭވިފައި އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެ ޕާޓީން އެހެން ޕާޓީތަކާ ކޯލިޝަން ހެދުމުން ސަރުކާރު ހިންގުން “ގަޑުބަޑުވެއްޖެ“ ކަމަށެވެ. ހަމައެހެންމެ ރައްޔިތުންނަށް ވީ ވަޢުދުތައް ނުފުއްދި ޕާޓީއަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބަކީ އެއީކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ މި ސަރުކާރުން ވެރިކަމަށް އައީ ކޯލިޝަނަކާއެކުއެވެ. ކޯލިޝަނުގައި ހިމެނެނީ ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި ހޯމް މިނިސްޓަރު އިމްރާނުގެ ޢަދާލަތު ޕާޓީއާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ އެމްއާރްއެމްއެވެ.