ގިނަ ބަޔަކާއި އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ބަނގުލަދޭޝް ރަށްޔިތެއް ކަމުގައިވާ އަލަމްގީރު މައްސަލައިން ދޭހަވާ ހަގީގަތަކީ މިޤައުމުގެ އިމިގްރޭޝަން ފެއިލްވެފައިވާ މިންވަރުކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދިޑެއިލީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަކީލު ވިދާޅުވީ، ޤައުމުތަކަށް އެތެރެވެ ބޭރުވާ މީހުންނާއި އެމީހުން އެތެރެވުމަށްފަހު ކުރަމުން އަންނަ ކަންކަން ބަލާ އިނިސްޕެކްޓްކުރުމަކީ އިމިގްރޭޝަންގެ މަސްއޫލިއްޔަތެއްކަމަށެވެ.
ރާއްޖެއަށް އެތެރެވާ ބޭރު މީހުން އެތެރެވާނީ ކޮންމެވެސް މީހެއްގެ ސްޕޮންސަރގެ ދަށުންކަމަށާއި، އެކަން އިމިގްރޭޝަންގެ ޑާޓަރބޭސްއިން އެނގެންވާނެކަމަށް ނިޝާން ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ޒިންމާގެ ތެރޭގައި އޮންނާނެ ބޭރުމީހުން އެތެރެވާ ބޭނުންބެލުމާއި، އެމީހުން ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތަކީ ރާއްޖެއަށް އެތެރެވި ބޭނުންތޯ ބެލުމާއި، އެމީހުން މަސައްކަތްކުރަމުން އަންނަނީ ޒިންމާވާ ސްޕޮންސަރގެ ބެލުމުގެ ދަށުންތޯ ބަލާ މޮނީޓަރ ކުރުން ހިމެނޭނެކަމަށް ވަކީލު ފާހަގަކުރި އެވެ.
މާލޭ މަގުތަކުގައި ޒިންމާވާނެ މީހަކުނެތި އުޅޭ ބޭރު މީހުން ގިނަކަން ފާހަގަކުރަމުން ވަކީލު ވިދާޅުވީ، އަލަމްގީރުވެސް ރާއްޖެ ގެނައި މީހަކު އިމިގްރޭޝަނަށް އެގެންވާނެކަމަށާއި، މުއްދަތު ހަމަވުމުން ވޯކް ޕަރމިޓަރ ވޯކް ވިސާވެސް ދެނީ އިމިގްރޭޝަނުންކަމަށް ވަކީލު ނިޝާން ފާހަގަކުރިއެވެ.
އިމިގްރޭޝަނަށް ޤާނޫނުން ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރެވޭނަމަ މިހާރު ހިނގައިގެން އުޅޭ ހާދިސާ ފަދަ ހާދިސާތަކުގައި ބޭރު މީހުން ބައިވެރިވާ މިންވަރު މަދުވާނެކަމަށްވެސް ވަކީލު ވިދާޅުވި އެވެ.
ނިޝާން ވިދާޅުވީ ބޭރު މީހުން ގިނައިން ކުށްތަކަށް އަރައިގަންނަނީ އެމީހުން ރާއްޖެގެނައި މީހަކު އެމީހާ ދޫކޮށްލުމުން ނުވަތަ އިހާނާތްތެރިކޮށް ހިތުމުން ޒިންމާވާ މީހާ ގާތުން ނުކުމެ މާލެތެރެއަށް ގިނަވުމުން ކަމަށެވެ. އެގޮތަށް ޖިނާއީކުށްތަކުގައި ޖަލުތަކުގައި އެތަށް ބޭރު މީހުންނެއް މިހާރުވެސް ތިބޭނެކަމަށެވެ.
މިހެންކަންތައް ވެގެންދާއިރު، ވޯކް ޕާރމިޓްގެ މުއްދަތް ހަމަވާ ތާރީހު ފަހަނައަޅާ ދިޔުމުން އާކުރަން އެމީހެއްގެ ފަރާތުން ހުށަނާޅާނަމަ އެމީހަކު ވީތަނެއް ބެލުމަކީ އިމިގްރޭޝަންގެ ޒިންމާއެއްކަމަށް ވަކީލު ފާހަގަކުރި އެވެ.