ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީ ޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗުގެ ލެބޯޓްރީ ތައްޔާރުކުރަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
އެ އެޖެންސީގެ އޮފިޝަލަކާ ހަވާލާދީ މިހާރުގައި ރިޕޯޓުކޮށްފައިވާ ގޮތުން މަންކީ ޕޮކްސްއަށް ޓެސްޓުކުރަން ސެޓަޕް ހަދަން މި ވަގުތު ރާވައިފައިވަނީ އައިޖީއެމްއެޗުގައެވެ. އަދި ޓެސްޓް ކިޓާއި ޓެސްޓިން ސެޓަޕްކުރުމަށް އިތުރު ތަކެތި ބޭނުންވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހުރިހާ ކަމެއް ފުރިހަމަވުމުން މަންކީ ޕޮކްސްއަށް ޓެސްޓުކުރަން ފެށޭނެ ކަމަށާއި ނަމަވެސް އަދި ފެށޭނެ ދުވަހެއް ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.
މަންކީޕޮކްސް އައުޓްބްރޭކަކީ ޢާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި ނުވަތަ ޕަބްލިކް ހެލްތް އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސާން (ޕީއެޗްއީއައިސީ) އެއް ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ކަނޑައެޅީ މިދިޔަ މަހުގެ 23 ގައެވެ.
ޢާންމު ގޮތެއްގައި އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ފެތުރޭ މަންކީޕޮކްސް ބަލި ދުނިޔެއިން ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އެބައޮތްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.