ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއަށް ދަޢުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އަލަމްގިރިއަށް ދަޢުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިއަދުއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަޙްމަދު ޝަފީޢު މިރޭ ވިދާޅުވީ އަލަމްގިރި ހިމެނޭހެން ދެން ދަޢުވާކުރަން ފޮނުވީ ދެ މީހުންގެ މައްޗަށް ކަމަށެވެ. އެއީ ނާޒިމް ޢަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި މަސައްކަތް ކުރަމުންދިޔަ ޢަބްދުއްރަޙްމާން ރަފީޤު މައްޗަށް ކަމަށެވެ. އެ ގޮތުން އެ މައްސަލަތަކާމެދު މަޝްވަރާކުރެވެމުންދާކަމަށް ޝަފީޢު ވިދާޅުވިއެވެ.
ޝަފީޢު އިތުރަށް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު) އަށް ދަޢުވާކުރަން އެދި ފުލުހުން ޕީޖީއަށް ފޮނުވާފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް އޭނާއަށް ދަޢުވާކުރުމަށް އެދި އަދި އެ އޮފީހަށް ނުފޮނުވާ ކަމަށެވެ.