އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިޔާ އަލީ ނަސީރުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.
ނަސީރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި ނަސީރު ހައްޔަރުކުރީ އޭނާ އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯއެއްގެ މައްސަލައިގައެވެ.
ނަސީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 10 ދުވަސް ވަނީ ޖަހާފައެވެ.
މިއީ ނަސީރުގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ނަސީރުގެ ބަންދަށް 10 ދުވަސް ޖަހާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ބަންގްލަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ވަޒީފާގައި އުޅުނު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން ހިމެނެއެވެ. އެއްބަޔަކު ސަސްޕެންޑް ކޮށްފައިވާއިރު އަނެއް ބަޔަކު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެ މައްސަލަތަކާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.