ރާއްޖެއިން ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އޭގެކުރިން ދުވަހަކު ވެސް ކުރިމަތި ނުވާވަރުގެ ބޮޑު ލޮޅުމެއް އެރުމަށްފަހު ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ އަނބުރާ އިއާދަވުމުގެ މަގުމަތީގައި ކަމަށެވެ.
ދައުލަތުގެ ޚަރަދުތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މެނޭޖުކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެފުށް ފެންނަ ގޮތެއްގައި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޢާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ވާލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ވޯލްޑް ބޭންކުން ހާމަކުރާގޮތުގައި، ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ޚަރަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑުބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް، ޚާއްސަކޮށް ބޯހިޔާވަހިކަމަށް، އިންވެސްޓްކުރުމަށެވެ.
އެހެންނަމަވެސް މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ޚަރަދުތައް މިހާރަށްވުރެ ހަރުދަނާ، ދެފުށްފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ، ދައުލަތުގެ ޚަރަދުތަކާއި ދަރަނި މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.