ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި އެމަންޒަރު ވީޑިއޯކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މީހުން ކަމަށް ބުނާ ލިސްޓެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ލިސްޓުގައި 37 މީހުން ހިމެނެއެވެ. އެހެން ނަމަވެސް މިލިސްޓަކީ ސައްޚަ ލިސްޓެއް ކަމެއް ކަށަވަރުވެފައިނުވެއެވެ. އެހެން ނަމަވެސް ބަންގްލަދޭޝްގެ އަލަމްގިރިއާއެކު 250 އަށްވުރެ ގިނަ މީހުން އެއްޖިންސުން ގުޅުން ހިންގި ކަމަށްވެއެވެ.
ފުލުހުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމްތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް އެމީހުންނަށް ފިޔަވަޅު އެޅުމަށް އަންގަމުންނެވެ.
މިހާތަނަށް ޓީޗަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ހިމެނޭ މީހުންނާއި ހުޅުމާލޭގެ މިސްކިތެއްގެ މުދިމަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިއަކު ވެސް ވަނީ މި މައްސަލަތަކުގައި ސަސްޕެންޑްކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރަނީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުންނެވެ.
ފުލުހުން ބުނީ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމެއް ކަމަށާއި މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރު ކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މި މައްސަލަތަކުގައި ހިންގަމުން އަންނަ ކަމަށެވެ.