އަހަރެމެންގެ ކެއުމުގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ރޯޓޮމާޓޯ އަކީ އޭގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ.
ދިވެހި ބަހުން ”ވިލާތުބަށި“ ގެ ނަމުން ނަންދެވިފައިވާ މި މޭވާ އަކީ ގިނަ އަދަދަކަށް ވިޓަމިން ސީ، ވިޓަމިން ކޭ، ކާބޯހައިޑްރޭޓްސް، ފޮޓޭސިއަމް، އަދި ފޮލޭޓް އެކުލެވިގެންވާ މޭވާ އެކެވެ. ޓޮމާޓޯ މަޝްހޫރުވެފައި ވަނީ އޭގައި އެކުލެވޭ ވިޓަމިން އަދި މިނަރަލްގެ މާއްދާތަކަށެވެ.
ޓޮމާޓޯގައި އެކުލެވޭ ވިޓަމިންގެ މާއްދާ ތަކުން ހަންގަނޑަށް އެތައް ފައިދާއެއް ކުރެއެވެ. އެގޮތުން އަވިން އަނދައިފައިވާ ތަނުގައި ޓޮމާޓޯ ދިޔަ އުނގުޅުމުން ރަނގަޅުވެގެން ދެއެވެ. މީގެ އިތުރުން ހަންގަނޑު އިތުރަށް އަލިކޮށްދީ މޫނުގައި ބިހި ނެގުން ފަދަ ކަންކަމުން ވެސް ދުރުކޮށްދެއެވެ.
މީގެ އިތުރުން ލޮލުގެ ފެނުން ރަނގަޅުކޮށްދީ ލޭގެ ޕްރެޝަރ ކޮންޓްރޯލް ކުރުމަށް ވެސް ޓޮމާޓޯ އެހީވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޓޮމާޓޯއަކީ ކޮލެސްޓްރޯލް ލެވެލް ދަށްކޮދިނުމަށާއި ލޭގެ ސާކިއުލޭޝަން ރަނގަޅު ކޮށްދިނުމާއި ހަޖަމުގެ ބައި ރަނގަޅުކޮށްދިނުމަށްވެސް އެހީވެދޭ މޭވާ އެކެވެ.