ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާ މައްސަލަތަކުގެތެރެއިން މި އަހަރުގެ ޖުލައިގެ ނިޔަލަށް 361 މައްސަލަ ނިންމާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ ޖުލައިގެ ނިޔަލަށް އެޗްއާރްސީއެމްގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅީ 340 މައްސަލައެވެ. އެ މުއްދަތުގެ ނިޔަލަށް 525 މައްސަލައެއް ބަލަމުން އަންނައިރު 314 މައްސަލަ ވަނީ ނިންމާފައެވެ.
އެންޓި ޓޯޗާ ޤާނޫނުގެ ދަށުން ޖުލައިމަހުގެ ނިޔަލަށް 51 މައްސަލަ ހުށަހަޅާފައިވާއިރު 53 މައްސަލައެއް ހިމެނެނީ ޑިއުޓީ ޕްރޮސެކިއުޝަންގައެވެ. އަދި ކޯޓު މަރުހަލާގައި ދެ މައްސަލައެއް އޮތްއިރު 41 މައްސަލައެއް ވަނީ ނިންމާފައެވެ.
އަދި މި މުއްދަތުގެ ނިޔަލަށް އެ ކޮމިޝަނުން އަންނަނީ މުޅި ޖުމްލަ 577 މައްސަލަ ބަލަމުންނެވެ.