ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް 99,000 އަށްވުރެ ގިނަ ޑޯޒް ވެކްސިން މިއަދު ހަދިޔާކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރީ 99450 ޑޯޒް ވެކްސިނެވެ. އޭގެތެރޭގައި ހިމެނެނީ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިނެވެ.
މީގެ ދެ މަސް ކުރިން ވެސް އެމެރިކާއިން ވަނީ ކޯވެކްސް ފެސިލިޓީގެ ދަށުން 100,620 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފައެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ހަތް މިލިއަން ޑޮލަރުދީފައިވާއިރު 60 ވެންޓިލޭޓަރު ވެސް ހަދިޔާކުރިއެވެ.