މާލޭގައި ބޯހިޔާވަހިކަމެއް ނެތް ނިކަމެތި ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ސަރުކާރުން އުޅެނީ ވަކި ބަޔަކަށް ގޯތިތައް ބަހައިލަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މާލޭ ރައްޔިތުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދޭން ސަރުކާރުން ނިންމުުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހުޅުމާލެއިން 1000 ގޯތި, ގުޅިފަޅުން 2000 ގޯތި ދޫކުރަން މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅު ހިއްކައި ނިމުމުން އެ ތަނުން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ޢަލީ ޙުސައިން މިއަދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމެއް ނެތް ނިކަމެތި ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި, ސަރުކާރުން މަސައްކަތްކުރަނީ ސަރުކާރާ ގުޅުންހުރި ވަކި ބަޔަކަށް ގޯތިތައް ބަހައިލަންކަމަށެވެ.
“ޤާނޫނުގައި މިހާ ސާފުކޮށް އޮތް ކަމެއްގައި ސަރުކާރުން ޤާނޫނު އެއް ފަރާތްކޮށް މާލޭގެ ބޯހިޔާވަހިކަމެއް ނެތް ނިކަމެތި ރައްޔިތުންނަށް ގޯތިދިނުމުގެ ނަމުގައި އެ އުޅެނީ ސަރުކާރާ ގުޅުންހުރި ވަކި ބަޔަކަށް އެ ގޯތިތައް ބަހައިލަން. މިކަމާ އެންމެހައި ދިވެހިން އަޑުއުފުލަންޖެހޭ.“ ޤާނޫނެއްގެ 138 ވަނަ މާއްދާ ހިއްސާކުރައްވައި ޢަލީ ޙުސައިން ކުރެއްވި ޓުވީޓުގައިވެއެވެ.
ޢަލީ ޙުސައިން މީގެ ކުރިން ވިދާޅުވެފައިވަނީ ދިހަ މީހުންގެ ތެރެއިން އެކަކަށް ހިލޭ ބިމެއް ދީ, ދެން ތިބި ނުވަ މީހުން ބާކީ ކޮށްލުމަށްވުރެ ދިހަ މީހުންނަށް ފްލެޓު ދީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން މާ ޢަދުލުވެރި ކަމަށެވެ.