ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ރާއްޖެ ގެނެސް އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މީހެއް ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.
އާރްސީސީން މިއަދު ބުނީ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރަކީ އެ ކުންފުނިން ރާއްޖެ ގެނެސް, އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މީހެއް ކަމަށް ބުނެ މީސް މީޑިއާގައި މިހާރު ދެކެވެމުންދާ ވާހަކަ ތަކަކީ
ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
އާރްސީސީން ބުނީ އެ ކުންފުނި ބަދުނާމުވާ ގޮތަށް ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަ އެކިއެކި ގޮތް ގޮތުން ފެތުރުމަކީ އެ ކުންފުނިން ބަލައިގަންނާނެކަމެއް ނޫން ކަމަށެވެ. އަދި އެ ފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އާރްސީސީއަކީ 1950 ގައި “ރަޝީދު ކާޕެންޓްރީ“ ގެ ނަމުގައި ފެށި ކުޑަ ވަޑާންގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އުފެދިފައިވާ ކުންފުންޏެކެވެ. މީގެ ކުރިން އެ ކުންފުނީގެ ޗެއާމަނަކީ މަރްޙޫމް ޢަބްދުއްރަޝީދެވެ. މިހާރު އެ ކުންފުނީގެ ކަންކަން ބަލަހައްޓަވަނީ އޭނާގެ ދަރިފުޅު ކާނަލް މުޙައްމަދު ނާޒިމާއި ޢަބްދުއްރަޝީދުގެ ކޮއްކޮ އިބްރާހިމް ރަޝީދާއި ޢާއިލާއިންނެވެ.