މާލޭ ފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެއެވެ.
ބަންގްލަދޭޝްގެ މީހެއްގެ މައްޗަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ ކުރީ 2020 ވަނަ އަހަރު އޮގަސްޓު މަހުގައި އޭނާ މަސައްކަތްކުރާ ފިހާރައަށް ވިޔަފާރިކުރަން ދިޔަ އަންހެނެއްގެ އުރަމަތީގައި އަތްލިކަމުގެ ތުހުމަތުގައެވެ.
އެ އަންހެން މީހާ އެ ފިހާރައަށް ދިޔައީ އޭނާގެ ކޮއްކޮއާއެކު މިރުސް ގަންނާށެވެ.
ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ އެ މަންޒަރު ލޮލަށް ފެނުނު އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި ސައިންޓިފިކް އެއްވެސް ތަހުލީލެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ކުށުގެ ވެށްޓަށް ދިޔަ ދެ ފުލުހުން ގާތު އަންހެން މީހާ ކިޔައިދިނުމާ ގުޅިގެން އެ ފުލުހުން ކޯޓުގައި ހެކިބަސް ދިނަސް އެއަށް ބާރުދޭ އިތުރު ހެއްކެއް ނެތް ކަމަށެވެ.
އެ ގޮތުން ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެއްކާއި ޤަރީނާ ލިބިފައިނުވާތީ ޙުކުމްކުރި ދަޢުވާ ސާބިތުނުވާ ކަމަށެވެ.