ބަންގްލަދޭޝްގެ ޝާހް އަލޮމް މިއާ (ސާލިމް) މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވުމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އެ މައްސަލަ އިސްތިއުނާފުކުރަން ދައުލަތުން ނިންމައިފިއެވެ.
ދަށު ކޯޓަކުން މީހަކަށް މަރުގެ ޙުކުމް އިއްވި ނަމަވެސް އެ ޙުކުމް ތަންފީޒު ކުރެވޭނީ މަތީ މަރުހަލާގެ ކޯޓުތަކުން އެ ޙުކުމާމެދު ގޮތް ނިންމައި ނިހާއީ ޙުކުމެއް އޮވެގެންނެވެ. އެހެންވެ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަަަށް ހުށަހެޅީ މި މަހުގެ 01 ގައެވެ.
ނަމަވެސް މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވި ފަހުން ހުށަހެޅުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމަވައިފައެވެ.
އެ ގޮތުން ދައުލަތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފުކުރަން ނިންމައިފައެވެ.
މިދިޔަ ފެބްރުއަރީގައި ކްރިމިނަލް ކޯޓުން ސާލިމްގެ މައްޗަށް މަރުގެ ޙުކުމް ކުރީ ދަނގެތީ ވިޔަފާރިވެރިއެއްކަމަށްވާ އެ ރަށު މޮނަލާޒް, މަޙްމޫދު އަބޫބަކުުރު މަރާލާފައިވާ މައްސަލައިގައެވެ.
މިދިޔަ އަހަރު އޮކްޓޫބަރުމަހުގައި މަހްމޫދުގެ ހަށިގަނޑު ފެނުނީ ގޯނި ބަނދެފައި އެ ރަށު ފަޅު ގެއެއްގެ ވަޅެއްގެތެރެއަށް ވައްޓާލައިފައި ވަނިކޮށެވެ.