ބައިނަލްއަޤްވާމީ ޔޯގާ ޑޭ ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އައްޝައިޚް ފަޟްލޫން މުޙައްމަދު ބަންދުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ޖޫން 22 ގައި ޝައިޚް ފަޟްލޫން ހައްޔަރުކުރުމަށްފަހު ބަންދަށް ކޯޓުން ފުރަތަމަ ދިނީ ހަތް ދުވަހެވެ. އޭގެ ފަހުން ބަންދަށް މުއްދަތު އިތުރުކުރަން އެކި ފަހަރު މަތިން ހާޒިރުކުރިއެވެ.
ޝައިޚް ފަޟްލޫން ދޫކޮށްލީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅުގައެވެ. އެއީ ބައެއް ޝަރުތުތަކާ އެކުއެވެ.
ޝައިޚް ފަޟްލޫން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު ތިން ޢަމުރެއް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ކުރި ޙުކުމުގައި ބުނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުން ޝައިޚް ފަޟްލޫން ދޫކޮށްލަން ޢަމުރުކުރި ނަމަވެސް ދައުލަތުން ވެސް ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ. އެކަމަކު އަދި އެ މައްސަލަ ބަލާކަށް ނުފަށައެވެ.
ޔޯގާ ހަރަކާތާ ގުޅިގެން ޝައިޚް އާދަމް ނިޝާން ވެސް ހައްޔަރުކުރިއެވެ. ނިޝާން ދޫކޮށްލީ އިއްޔެގައެވެ.