ދުންފަތަކީ އޭގެ ސަބަބުން އެތައް ގެއްލުމެއް ލިއްބައިދޭ އެއްޗެކެވެ.
ދުންފަތުގެ އިސްތިއުމާލު ބޭނުންކުރާ މީހާއަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުން ލިބޭ އިރު މި ކަމުގެ ސަބަބުން އާއިލާގެ މެމްބަރުންއަށް ވެސް އެތައް ގެއްލުމެއް ކުރިމަތިވެއެވެ. ސިނގިރޭޓުގެ ކޮޅުން އަރާ ދުމާއި ދުންފަތުގެ އިސްތިއުމާލު ކުރާއިރު ވައިގެ ތެރެއަށް ދޫކުރާ ދުން އެހެން މީހުންގެ ހަށިގަނޑުގެ ތެރެއަށް ދިއުމުން ގެއްލުންވާފަދައިން ކުޑަ ކުދިންއަށް ވެސް އެތައް އަސަރެއް ކުރެއެވެ. އެގޮތުން ނޭވާ ހިއްލުމުގެ ބަލިތަކާއި ސީއޯޕީޑީ ޖެހުން ހިމެނޭއިރު ސަޑަން އިންފަންޓް ޑެތް ސިންޑްރޯމް (އެސްއައިޑީއެސް) ޖެހުން ވެސް އެކަށީގެންވެއެވެ.
ދުންފަތުގެ އިސްއިތުމާލު ގޭތެރޭ ކުރުމުން ކުނޑިތަކާއި ކެމިކަލްތައް މޭޒުގައާއި ސޯފާގެ އިތުރުން މޫޅި ގޭތެރޭގައި ހަރުލައިފައި ހުރެއެވެ. ގޭތެރޭ އުޅޭ އެހެން މީހުން އެކި ތަންތާ އަތްލާ ހެދުމުން އެމީހުންއަށް ވެސް މިކަމުގެ ސަބަބުން އަސަރު ކުރެއެވެ. މީގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހާއަށް ދުމުގެ އަސަރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހާއަށްވާ ގެއްލުން ވެއެވެ.
އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންއަށް ޖެހޭ ބަލިތައް ނުކުރާ މީހުންއަށް ޖެހުން ވެސް އެކަށީގެން ވެއެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ނޭވާލާން އުނދަގޫވުމާއި ފުއްޕާމޭގައި ފެންހެދި ނުވަތަ ލޯވަޅު ހެދި ލޭފޭބުން ކަހަލަ ފުރާނައަށް ގެއްލުން ހުރި ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
ގެއްލުން ދިނުމަކީ އަދި ގެއްލުން ލިބިގަތުމަކީ ވެސް، އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ. ދުންފަތުގެ ހުކުމާމެދު އިލްމުވެރިން ބަހުސްކުރައްވާފައިވެއެވެ. އެގޮތުން ވަރަށް ގިނަ އިލްމުވެރިން މިއީ ހަރާމްކަމެއް ކަމުގައި ވިދާޅުވެއެވެ. އޭގެތެރޭގައި، ސަޢުދީ ޢަރަބިއްޔާގެ ޢިލްމްވެރިންގެ މަޖިލީހާއި މިޞްރުގެ ދާރުލް އިފްތާއާއި އަލް އަޒްހަރު ޔުނިވަރސިޓީގެ ފަތުވާ ކޮމިޓީ ފާހަގަކޮށްލެވެއެވެ.