ދިވެހި ތާރީޚުގައި ހިނގައިދިޔަ އެންމެ ރަހުމްކުޑަ މަރުގެ ހާދިސާ ހިނގައި ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އަނިޔާވެރި ގޮތަކަށް ހ.ޝީރީންވިލާގައި މަރާލައިފައި އޮއްވާ ރޭ ފެނުނު ޢުމުރުން 22 އަހަރުގެ މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރާ ގުޅިގެން ޢާންމު ރައްޔިތުންނާއި ބައެއް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެހެން ބައެއް ކަންކަމާ ގުޅިގެން ވާހަކަދައްކަވައި އަދި ބައެއް ޣައިރު މުސްލިމުން މަރުވުމުން ތައުޒިޔާ ވިދާޅުވެ ބައެއް ފަހަރު ޓުވީޓުކުރައްވާ ރައީސް ޞާލިޙް ރޭ ހިނގައިދިޔަ މަރުގެ ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ރޭ ހިނގީ ދިވެހި ތާރީޚުގައި ހިނގާދިޔަ އެންމެ ރަޙުމްކުޑަ މަރު ކަމަށާއި، މަރަށް 24 ގަޑި އިރު ވެގެންދިޔަ އިރު ޤައުމުގެ ރައީސްގެ ކީބޯޑް ހަލާކުވެފައިވާ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ވަނީ ވިދާޅުވެފައެވެ. އަދި މިއީ އިންސާނިއްޔަތު ކަން ނެތުން ކަމަށާއި, ތައުޒިޔާ ވިދާޅުވެ މަރަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެ ދެއްވާ ކަމަށެވެ.