މުޖުތަމަޢު އަމާން ތަނަކަށް ހެދޭނީ ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކަށް ޙައްޤު އަދަބު ލިބުމުގައި އަވަސް ފިޔަވަޅުތަކެއް އަޅައިގެންކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަނިޔާވެރި ގޮތަކަށް ޏ.ފުވައްމުލަކު/ކުރި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) މަރައިލި މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މުޢިއްޒު ވިދާޅުވީ އެފަދަ ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކަށް ޙައްޤު އަދަބު ލިބުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުޖުތަމަޢު އަމާން ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން މުޢިއްޒުގެ ޓުވީޓުގައި ވަނީ ޝިއާއުއަށް ރަޙްމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވައިފައެވެ.
ހ.ޝީރީންވިލާގައި ރޭގެ ވަގުތެއްގައި ޝިއާ މަރާލައިފައި އޮއްވާ ފެނުނު މައްސަލައިގެ ތަޙްޤީޤު އަވަސްކުރުމަށް ވެސް ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ގޮވައިލާފައެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ޢަލީ ޝާހިލް ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.