ބަންގްލަދޭޝްގެ ޝާހް އަލޮމް މިއާ (ސާލިމް) މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ސާލިމްގެ މައްޗަށް މަރުގެ ހުކުމް ކުރީ ދަނގެތީ ވިޔަފާރިވެރިޔާ މަޙްމޫދު އަބޫބަކުުރު މަރައިލާފައިވާ މައްސަލައިގައެވެ. އޭނާގެ މައްޗަށް ހުކުމް އިއްވީ މިދިޔަ ފެބްރުއަރީގައެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފުކުރަން ސާލިމްގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ. އެހެންވެ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަަަށް ހުށަހެޅިއެވެ.
މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވި ފަހުން ހުށަހެޅުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމަވައިފައެވެ.
ޢުމުރުން 57 އަހަރުގެ މަޙްމޫދު މަރާލައިފައި އޮއްވާ ފެނުނީ މިދިޔަ އަހަރު އޮކްޓޫބަރުމަހުގައެވެ. މަރާލުމަށްފަހު އޮތީ އެ ރަށު ފަޅު ގެއެއްގެ ވަޅެއްގެތެރެއަށް ވައްޓާލައިފައެވެ. ސާލިމް ވަނީ މަޙްމޫދު މަރައިލިކަމަށް އިޢުތިރާފު ވެސް ވެފައެވެ. އޭނާ ބުނީ އެއީ ޝައިޠާނާ ވަސްވާސް ދިނުމުން ވީ ގޮތެއް ކަމަށެވެ.