ރޭގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު ޏ.ފުވައްމުލަކު/ކުރި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ޝިއާގެ މަރާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝަފީޢު ވިދާޅުވީ ޝިއާއަށް އިހާނެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެފަދަ މަޢުލޫމާތުތައް ހާމަކުރަން ޢާއިލާއިން ނޭދޭތީ އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
ޝަފީޢު ވިދާޅުވީ ކޯސް އޮފް ޑެތް ހޯދުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ.
”އެހެންވީމަ އެ މަސައްކަތްތަކަށްފަހު އޭގެ ނަތީޖާއެއް ލިބުމަށްފަު ކިހިނެތް ހިނގައިދިޔަ, ކޮބައިތޯ އޭގެ އަސްލު ކޯސްއަކީ އިތުރު ތަފްސީލު… މި ވަގުތަކީ އަދި ތަންކޮޅެއް އަވަސް ވަގުތެއް ކަން ނޭނގެ އެ ސުވާލުތަކުގެ ޖަވާބު ހޯދަން.“
ހ.ޝީރީންވިލާގައި ޢުމުރުން 22 އަހަރުގެ ޝިއާ މަރާލައިފައި އޮއްވާ ފެނުނީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ.
ޝިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލްއެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރީޢަތް ނިމެންދެން ޝާހިލް ބަންދުކުރަން އަމުރުކޮށްފައެވެ.