މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދާއި، އޭނާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 23 އަހަރުގެ އަލީ ޝާހިލްއާ ދެމީހުން އުޅުނީ ކައިވެނި ކޮށްގެނެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ރޭ އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު އާއި އޭނާ މަރާލި ކަމުގެ ތުހުމަތުގައި މިހާރު ފުލުހުން ހައްޔަރު ކޮށްފައިވާ ޝާހިލް އާއި ދެމީހުން އުޅެނީ ކައިވެނި ކޮށްގެން ނޫން ކަމަށެވެ.
ޝިފާއު ވިދާޅުވީ ތަހުގީގުގެ މިހާތަނަށް އައިއިރު، ޝިއާއު އަށް ގެވެށި އަނިޔާ ކޮށްގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ވިދާޅުވީ ޝިއާއުގެ މަރާއި ގުޅިގެން އިތުރަށް ކަންކަން ބެލުމަށް ޕޯސްޓްމޯޓެމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.