ރޭ މާލޭގައި ހިނގި އަނިޔާވެރި ގަތުލުގައި އުމުރުން 22 އަހަރުގެ ޝިއާ މުހައްމަދު ސައީދު މަރާލީ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އަލީ ސާހިލް ހައްޔަރުކުރި އިރު މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ކަށަވަރު ކޮށްދީފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މިވަގުތާއި ހަމައަށް ހެދުނު ޓެސްޓުތަކުގެ ވަގުތީ ނަތީޖާއިން ސާހިލް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.
ނަމަވެސް އަދި މިހާތަނަށް ލިބިފައިވަނީ ވަގުތީ ނަތީޖާއެއްގެ ކަމުން އޭނާ ބޭނުންކުރީ ކޮން މަސްތުވާއެއްޗެއްކަން ބުނަން ދަތިކަމަށް ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާއު ވިދާޅުވީ ތަހުގީގު މިހާރު ކުރިއަށްދާއިރު އެކިކަހަލަ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ދެމީހުންގެ މެދުގައި ހަމަނުޖެހުން ހިންގުމާއި ގެވެށި އަނިޔާގެ މައްސަލަތަކެއް ހުރި ނަމަވެސް އެކަންކަން އަދި ޔަގީން ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިހާތަނަށް ބެލި ބެލުމުން ޝާހިލްގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.