މާލޭގައި ރަހުމުކުޑަކޮށް އުމުރުން 22 އަހަރުގެ ޒުވާން އަންހެނަކު މަރާލި މައްސަލަ ޖެންޑާ މިނިސްޓްރީން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ ގެވެށި އަނިޔާގެ މިފަދަ އެއްވެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އަދި މި އަމަލާމެދު މި މިނިސްޓްރީން ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ.
”ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ހައްގު ލިބިފައިވޭ، އަދި ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށްވާން ޖެހޭ. މައްޔިތާގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި“ ޖެންޑާ މިނިސްޓްރީގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
މި ހިތާމަވެރި، އުނދަގޫ ދަނޑިވަޅުގައި އެކަން ތަހައްމަލުކޮށް ހިމޭން ކަމާއެކު ވަގުތު ހޭދަކުރުމަށް އާއިލާއަށް ފުރުޞަތު ދިނުމަކީ ކޮންމެ ފަރާތަކުންވެސް މިވަގުތު ކުރުން މުހިންމު ކަމެއް ކަމުގައި ޖެންޑާ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޒަަހަމްތަކަކާއެކު މަރާލައިފައިވާ އަންހެނަކު މާލޭ ގެއެއްގެ ތެރެއިން ފެނިފައިވާ ކަމަށާއި މައްސަލައާ ގުޅިގެން ސީންއިން މީހަކު ބެލުމުގެ ދަަށަށް ގެނައި ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.