ރާއްޖޭގައި އަނެއްކާ ވެސް އަނިޔާވެރި ގޮތަކަށް މީހަކު މަރާލާފައިވާތީ މިކަމަށް އޮތް ހައްލަކީ މަރުގެ ހުކުމް ތަންފީޒުކުރަން ފެށުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި ހ.ޝެރީން ވިލާގައި ޒުވާން އަންހެނަކަށް ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލި ހާދިސާއާ ގުޅިގެންނެވެ.
ޖަމީލް ވިދާޅުވީ އިވިގެން އެދިޔައީ އިންތިހާއަށް ބިރުވެރި ކުށެއްގެ އަޑުކަމަށާއި ދެންވެސް މަރުގެ ހުކުމް ތަންފީޒްނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ގޯސް މެސެޖެއްކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއްވެސް ޙާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖްރިމުން ރާއްޖޭގައި އެބަތިބިކަން ޤަބޫލްކުރަންޖެހޭކަމަށާއި މިކަމަށް ޙައްލު ލިބޭނީ މަރުގެ ޙުކުމް ތަންފީޒްކޮށްގެންކަމަށެވެ.