ޤައުމު ބިނާ ކުރުމުގައި މުދައްރިސުން އަދާކުރާ ދައުރު މި ސަރުކާރުން ބަލައިގަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް ކާމިޔާބު މީހަކަށް ވާން ބޭނުންވާނެ ކަމަށެވެ. އަދި އެކި ކުދިން ޚާއްސަވާނީ އެކި ދާއިރާތަކުން ކަމަށެވެ.
ހުރިހާ ކުދިން ހުރިހާ މާއްދާއަކުން މޮޅުވުމަކީ ނާދިރުކަމެއް ކަމަށާއި ކޮންމެ ކުއްޖެއްގެ ޤާބިލިއްޔަތުކަމާއި ހުނަރުވެސް ތަފާތުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކާމިޔާބީއަށް ވާސިލުވުމަށް ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ހުނަރާއި ޤާބިލިއްޔަތު އަމިއްލައަށް ދެނެގަންނަން ޖެހޭ ކަމަށެވެ. ކާމިޔާބީގެ ސިއްރަކީ އެގޮތުގެ މަތިން ކެނޑިނޭޅި ކުރާ މަސައްކަތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޤައުމު ބިނާ ކުރުމުގައި މުދައްރިސުން އަދާކުރާ ދައުރު މި ސަރުކާރުން ބަލައިގަންނަކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން މުދައްރިސުންގެ މުސާރަ ބޮޑުކޮށްދިނުމަކީވެސް އެކަމުގެ ހެއްކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އަމީނިއްޔާ ސުކޫލުގެ ދަރިވަރުން ވަނީ ދުވަހާއި ގުޅޭ ޚާއްސަ ދުއާއެއްގައި ބައިވެރިވެފައެވެ.