މައްކާގެ ހެޔޮ އެދޭ ފަރާތަކުން ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޢުމްރާގެ ދަތުރެއް ދެއްވައިފިކަމަށް އެ ސްކޫލުން މިއަދު ބުނެފިއެވެ.
ކޮއްކޮމެން ޕްރީ ސްކޫލަކީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ބިން ޢަލީ ސަޢީދު މާލޭގައި ހިންގަވަމުން ގެންދަވާ ސްކޫލެކެވެ.
އެ ސްކޫލުން މިއަދު ބުނީ މައްކާގެ ހެޔޮއެދޭ ފަރާތަކުން އެ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޢުމްރާގެ ދަތުރެއް ދެއްވާފައިވާ ކަމަށާއި, އެދަތުރުގައި އިތުރު ކަންކަން ވެސް ހިމެނޭ ކަމަށެވެ.
އެ ގޮތުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރުމާއި, އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުމާއި, ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބައްލައިލުން ހިމެނިފައިވާކަމަށް އެ ސްކޫލުން ބުންޏެވެ.
”މި ދަތުރު ކުރާ ގޮތައް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގައި ފުރަތަމަ ޓާމް ޗުއްޓީ ތެރޭގައި. މި ދަތުރުގެ އެންމެހާ ކަމެއް ބަލަހައްޓަވާނީ އިންތިޒާމްކުރާ ފަރާތުން.“
2021 ވަނަ އަހަރުގެ އޮކްޓޫބަރުގައި ކޮއްކޮމެން ޕްރީ ސްކޫލު ބައްލަވައިގަތުމަށްފަހު ކުރެއްވި ޕޯސްޓެއްގައި ޑރ.ޝަހީމް ވިދާޅުވެފައިވަނީ މުސްތަޤުބަލުގައި ސްކޫލުގެ މަގުސަދަކަށްވާނީ ފެންވަރު ރަނގަޅު ޒަމާނީ ތަޢުލީމެއް ފޯރުކޮށްދީ ރިވެތި އަދަބު އަޚުލާޤާއި ހުނަރުވެރިކަން ދަސްކޮށްދިނުންކަމަށާއި، އިރާދަކުރެއްވިއްޔާ އެ ސްކޫލުވެގެންދާނީ ތަޢުލީމާއި ތަރުބިޔަތުގެ ބަގީޗާއަކަށް ކަމަށެވެ.