އަލަށް މީހުން އާބާދުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރަތްކުރާ ފުރަތަމަ ޕްރީ ސްކޫލް އަންނަ މަހު ނިމޭނެކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސްކޫލުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ މާޗުމަހުގައެވެ.
އެސްޖޭއިން ބުނީ އެ ސްކޫލުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި, މަސައްކަތް ކުރަމުންދަނީ މި މަހުގެ 15 ވަނަ ދުވަހަށް އެ ސްކޫލު އެޗްޑީސީއާ ހަވާލުކުރެވޭތޯ ކަމަށެވެ.
މީގެ އިތުރުން އެސްޖޭއިން ބުނީ އެ ސްކޫލުގެ ހުރިހާ މަސައްކަތެއް އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރަތްކުރާ ފުރަތަމަ ޕްރީ ސްކޫލްގައި ހިމެނެނީ 24 ކްލާސް ރޫމެވެ. އެކަމަކު ފުރަތަމަ ފިޔަވަހީގައި ނިންމަން ހަމަޖެހިފައިވަނީ 12 ކްލާސް ރޫމެވެ.
މި މަހުގެ 15 އެ ސްކޫލު އެޗްޑީސީއާ ހަވާލުކުރެވޭތޯ ކަމަށް އެސްޖޭއިން ބުނި ނަމަވެސް ދިރާސީ އައު އަހަރު ފެށިގެންދާއިރު އެ ތަނުގައި ކިޔަވައިދޭން ފަށާނެ ތާރީޚެއް އެޗްޑީސީއަކުން އަދި ނުބުނެއެވެ.