މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބަކީ އެމްއެންޕީގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަގަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައި އެ ޕާޓީން ބުނެފިއެވެ.
އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބު ކާމިޔާބުކަމާއެކު ފެށީ މިއަދު 08:00 އެވެ.
އެ އިންތިޚާބާ ގުޅިގެން އައު ތަރުޖަމާނު ޝިދާތާ ޝަރީފް ވިދާޅުވީ އެ އިންތިޚާބަކީ އެމްއެންޕީގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަގަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން އެމްއެންޕީގެ ނާއިބު ރައީސް ޙުސައިން އިސްމާޢީލް ވިދާޅުވީ ޢުމުރުން ހަގު އެމްއެންޕީގެ އެތެރޭގެ އިންތިޚާބު މުޅި ރާއްޖޭގައި ބާއްވާ ނިންމާލުމުން އެނގިގެންދަނީ މުސްތަގުބަލުގައި ރާއްޖޭގެ ސިޔާސީ މަންޒަރު ކުރަހާނީ އެމްއެންޕީން ކަމަށެވެ.
މިއަދު ކުރިޔަށްދިޔަ އިންތިޚާބާއެކު ޤައުމީ ހިންގާ ކޮމިޓީގެ މެންބަރުންގެ ވަގުތީ ނަތީޖާ 24 ގަޑިއިރުތެރޭ ހާމަކުރެވޭނެކަމަށް އެ ޕާޓީން ބުންޏެވެ. އަދި އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު 7 ދުވަސް ތެރޭ ދާއިމީ ނަތީޖާ އިޢުލާން ކުރެވިގެންދާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.