އައްޑޫ ސިޓީގައި އިމާރާތްކުރި ޕޮލިސް ކޮލެޖްކަމަށްވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ މީހުންނަށް ތަމްރީން ދޭން ފަށައިފިއެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އިމާރާތްކުރި ޕޮލިސް ކޮލެޖް ހުޅުވީ މިދިޔަ މާޗު 27 ގައެވެ.
ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހަކާއެކު އޭޕްރީލް 05 ގައި ކިޔަވައިދޭން ފެށި ނަމަވެސް ފުލުހުންނަށް ތަމްރީން ދޭން ފަށާފައިވަނީ މިއަދުއެވެ.
އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ވިދާޅުވީ ފުރަތަމަ ބެޗުގައި 197 ފުލުހުން ބައިވެރިވާ ކަމަށެވެ. އަދި މި ތަމްރީން ފެށީ ފުލުހުންގެ ގޮންޖެހުންތައް ގިނަ މަސައްކަތްތަކަށް ތައްޔާރުކުރުމަށް މުޤައްރަރު މުރާޖަޢާ ކުރުމަށްފަހުކަމަށް ވެސް ޙަމީދު ވިދާޅުވިއެވެ.
40 މީހުންގެ ޖާގަ ހިމެނޭ 08 ކްލާސް ރޫމް ހުންނަ ޕޮލިސް ކޮލެޖުގައި އެއްފަހަރާ 340 މީހުންނަށް ތަމްރީން ދެވޭނެއެވެ. އެ ކޮލެޖުގައި 310 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނައިރު, 800 މީހުންގެ ޖާގަ ހިމެނޭ ޖިމެއް ވެސް ހުރެއެވެ.
މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަކާއި ޕެރޭޑް ގްރައުންޑަކާއި ޝޫޓިން ރޭންޖަކާއި ކޮމްޕިއުޓަރު ލެބަކާއި މަލްޓިޕާޕަސް ހޯލަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓެއް ވެސް ހިމެނެއެވެ.