ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝެއިހް އާދަމް ނިޝާންގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ އެ ނިންމުން އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ނިޝާން ބަންދުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމާ ގުޅިގެން މިހާރު އޭނަގެ ގާނޫނީ ޓީމުން ވަނީ ސުޕްރީމް ކޯޓްގައި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފަ އެވެ.
ޖޫން މަހުގެ 21 ގައި މާލޭގައި ޔޯގާ ޑޭ ފާހަގަކުރަން ބޭއްވި އިވެންޓްގެ ތެރެއަށް ބަޔަކު ވަދެގަނެ، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ނިޝާން ހައްޔަރުކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ. އޭގެ ފަހުން އޭނަގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސްފައިވެ އެވެ.
ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ޝައިހް ނިޝާނާ އެކީ ޝެއިހް ފަޒްލޫން އާދަމް ވެސް ހައްޔަރުކުރި އެވެ. އެކަމަކު ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ވަނީ މިދިޔަ މަހުގެ 21 ގައި ދޫކޮށްލައިފަ އެވެ.